އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އެމީހާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި 5 މީހުންގެ ތެރެއިން 4 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އެ ރަހީނުގެ މައްސަލަ ފަޅާއެރީ މިދިޔަ އަންގަރާ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ތަނުން ބަޔަކު ނުކުމެގެން ފިލަން ދަނިކޮށް ފެނުނު ހިސާބުންނެވެ. އެކަން ފުލުހުންގެ ސަމާލުކަން އައިސް ބެލިއިރު، 37 އަހަރުގެ މީހަކު ޖޯއްޔެއްގައި ބަނދެ، އޭނާގެ ބޯ ބާލައި، އަނިޔާކޮށްފައި އޮތް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރު ކުރި ކަމަށެވެ. އަދި އޭގެތެރެއިން 18 އަހަރުން މަތީގެ 4 މީހުންގެ މަޢުލޫމާތު ފުލުހުން މިއަދު ވަނީ ޢާއްމު ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، 20 އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، 19 އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު، 22 އަދި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން 20 އެވެ.
މިމީހުންގެ ތެރެއިން ސަމާޙް އާއި އަޝްރަފްގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު ޔައީޝް އާއި މާޒިންގެ ބަންދަށް ކޯޓުން ދިނީ 7 ދުވަހެެވެ. އަދި 15 އަހަރުގެ ކުއްޖާ ވަނީ އާއިލާއަށް ޙަވާލު ކޮށްފައެވެ.
އެ މައްސަލާގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ މައުލޫމާތު އާންމުނުކުރީ ކުޑަކުއްޖަކަށް ވާތީ އެވެ.