ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މަގާމުން ވަކިކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްގެ މަގާމުން ހަމްދީ ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެކަމަކު އެ ނިންމުން ނިންމި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގަ އެވެ.
ހަމްދީ މަގާމުން ވަކިކޮށްފައި މިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އަންގައި ޕީސީބީން އިއްޔެ ހަވީރު ސާކިއުލާއެއް ނެރެފައި ވަނިކޮށެވެ.
މީގެ ކުރިން ހަމްދީ ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.