ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށުން މަންމައަކާއި ދަރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ މަޔާ ޕެލަސް، ޢުމުރުން 56 އަހަރުގެ އާމިނަތު އާއި ހަމަ އެގޭ ޢުމުރުން 25 އަހަރުގެ ފާޠިމަތު މާޔާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއީ މަންމަ އާއި އޭނާގެ ދަރިއެކެވެ.
“މި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމެވެ.” ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހަނިމާދޫ މެނިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ އާމިނަތުގެ ބަންދަށް ފަސް ދުވަސް އަދި މާޔާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.



