މާލޭގެ ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކަށް ވަޑައިގެން އެ ދެ ތަނުގެ ހާލަތު ބައްލަވާލެއްވުމަށް ފަހުގައެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ހަގު ދަރިކަލުން ވެސް ދެ ތަނަށް މިއަދު ވަޑައިގެންނެވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިފައި ހިތާމަކުރާ ކަމަށާއި ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ. މި ދެތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށް ރައީސް ވިދާޅުވި އެވެ.
“މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން،” ރައީސް ވިދާޅުވި އެވެ.
ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރަސްފަންނު ބީޗު ހުޅުވީ 2016 ވަނަ އަހަރު ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެވެ. އަދި އެތަން ހެދުމުގައި ރައީސް މުއިއްޒު ވަނީ މުހިންމު ދައުރެއް އަދާވެސް ކުރައްވައިފަ އެވެ.