ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އެވޯޑެކެވެ. އެ އެވޯޑް ދެނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބެލުމަށް ފަހު އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާ ބެހޭ އުސޫލުގައި ބުނީ އެ އިނާމު ދޭނީ މުވައްޒަފުގެ ނަން އެ މުއައްސަސާއަކުން، ކުންފުންޏަކުން، އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފަކު އަމިއްލައަށް ހުށަހެޅުމުން ކަމަށެވެ.
އަދި 2008 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުންގެ ތެރެއިން އެ މީހުން ކުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ދިން ޝަރަފުގެ ފިލާ ލިބިފައިވާ މީހުން އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެ ކަމަށް އުސޫލުގައިވެ އެވެ.
އިނާމު އާންމު ގޮތެއްގައި ދޭނީ އަހަރަކު އެއްފަހަރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ގައުމީ އިނާމަށް އެއް އަހަރެއްގެ ތެރޭގައި އެކަކު ނަން ހުށަހަޅާފައިވާ ނަމަ، އެ މީހަކަށް އެ އަހަރަކު ދޭނެ އިނާމެއް ކަނޑައަޅާނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
އަދި އިނާމަށް ހުށަހެޅޭނީ މިއަދުން ފެށިގެން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށް ރައީސް އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.