މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށެވެ. ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކު މި އޮޕަރޭޝަން ހިންގާފައިވަނީ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުންނެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަހްމަދު ނާޒިމް، 19 އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ރެސްޓޯރަންޓެއް ތެރެއިން ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



