އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފަހުން ފޮނުއްވި ނަންފުޅުކަމަށްވާ އަބްދުﷲ ނާޝިދު، އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ނާޝިދު މި މަޤާމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިގެން، އެ ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކުރައްވާފައެވެ. އަދި ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާއެކީ ނާޝިދަށް ވަނީ ރުހުން ދީފައެވެ.
ކޮމިޝަނުގެ ނައިބު ރައީސަކަށް ނާޝިދު އައްޔަން ކުރެއްވުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވެސް ވަނީ އޭނާ އެމަޤާމަށް އައްޔަންކުރަން ފެންނަކަމަށް ނިންމާފައެވެ. ނާޝިދު އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
މިހާރު އޭސީސީގައި ތިއްބަވަނީ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަބްދުﷲ ނާޝިދުގެ އިތުރަށް އަޙުމަދު ނާޝިދެވެ.