ރާއްޖެއިން ބައެއް ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށާއި، ބައިނަަލްއަގްވާމީ ބައެއް ޖަމިއްޔާތަކަށް ދާއިމީ މަންދޫބުން ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވި ނަންތަކަށް މިއަދު ރުހުން ދީފިއެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށާއި، ބައެއް ޤައުމުތޔަކަށް ކަޏޑައެޅުއްވި ސަފީރުން އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތަކާމެދު ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމި ގޮތަށް ބަހުސްކޮށް، ވޯޓަށް އަހައިފައެވެ.
މަންދޫބުން ކަނޑައެޅުއްވީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއާއި، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައިރީނާއާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިއުޓީއޯ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީ. ނޮން-ރެޒިޑެންޓު ސަފީރުން ކަނޑައެޅުއްވީ ސްވިޓްޒަލޭންޑާއި، ކެނެޑާ، މިސްރު، ކުވައިތު އަދި ބޫޓާނަށެވެ.
ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައެޅުއްވި މަންދޫބުން
- އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއޯއެމް) އަށް: އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް
- އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އަށް: ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފު
- ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް: ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
- އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް: ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު
ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުން
- ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
- ކެނެޑާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް އެމެރިކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދު
- މިސްރަށް ކަނޑައަލުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
- ކުވެއިތަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ސައުދި އަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
- ބޫޓާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން
މީގެ އިތުރުން “ބަރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވަރކްސް”ގައި ރާއްޖެއިން ބައިވެރިވުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ބައެއް ޤައުމުތަކަށް ކަނޑައަޅާ ސަފީރުޔންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން އައްޔަންކުރުމަށް ފާސްކުރީ ވަކިވަކިން މަޖިލީހުގައި އެހި ވޯޓުންނެވެ.



