ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް، ރ.އަލިފުށި، ފަސާނާ އަލްފާޟިލް ޢަބްދުﷲ ނާޝިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އޭސީސީގެ ނައިބުގެ މަގާމަށް ނާޝިދު އައްޔަނު ކުރައްވާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ނާޝިދު އޭސީސީގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ މި އަހަރުގެ ޖަނަވަރީމަހުގައެވެ. ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ.
ހޯމަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާގައި ނާޝިދަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.