ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ބާއްވާ ޙާއްޞަ ދަރުހެއް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވާނީ އައްޝައިޙް ޑރ. އިލްޔާސް ހުސެއިންއެވެ.
އިސްލާމިކް މިނިސްޓްރީން އާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ގުޅިގެން ބާއްވާ އެ ދަރުހުގެ މައުޟޫއަކީ “ތިބާގެ ރައްބާ ތިބާ ދުރުހެލިކޮށްލީ ކޮން ކަމެއް ހެއްޔެވެ؟” އެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 20:15 ގައެވެ.
އިސްލާމިކް މިނިސްޓްރީން އެ ދަރުހަށް ދާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.
އެ ދަރުހަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އަލަށް ފަށާ “އައްތަޒްކީރް” ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ.