ބަޔޯމެޓްރިކް ޑާޓާ އަދާހަމަ ނުކުރާނަމަ ޑީޕޯޓް ކުރަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން “ކުރަނގި” އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
މިއަދު ދާޚިލީ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަދާހަމަކުރުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް 20 ވަނަ ދުވަސް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ. މިހާތަނަށް މައުލޫމާތު އެއްކުރެވުނު 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
މި އޮޕަރޭޝަނާ އެކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑްތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.