ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ ‘އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024’ ނިންމި ބައިވެރިންނަށް ސަނަދު ހަވާލުކޮށްފިއެވެ.
އެޗްޑީސީއިން ކުރިއަށްގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އަލީ ހައިދަރު އަހްމަދެވެ.
އެ ކޯޕަރޭޝަނުން ހާމަކުރިގޮތުގައި މިއަހަރުގެ ޕްރޮގްރާމް ނިންމައި ޖުމްލަ 49 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އަދި ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ އެމްކިޔުއޭ އިން ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.
އެޗްޑީސީއިން ބުނިގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް، ހަ މަސްދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމުގައި ހަ ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފައެވެ. އެއީ، ގާރޑަނިންގ، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންއެވެ.
މި އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، އެޗްޑީސީ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވާއި، އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގުތު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުން ކަމަށް އެޗްޑީސީއިން ބުނެއެވެ.