އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާހުގެ ދަށުން ޑަބްލިއުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000.00 ރުފިޔާ ދޭން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ އިއްޔެ ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ އިން ފާސްކުރި ބިލެކެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީތަކުގައި އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.