ސަރުކާރުން ހިލޭ ދޫކުރާ މަސްދަޅު ހޯދަން ކިޔޫގައި ތިބެންޖެހޭ ވަގުތު ކުޑަކުރެވޭނެ ކަންކަން ބަލައި ފިޔަވަޅުތަށް އަޅާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.
މާލޭގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޭ ފަށާފައިވާއިރު، މަސްދަޅު ކޭސް ހޯދަން މާލޭގެ އެކި ސަރަހައްދުތަކުގައި ދިގު ކިޔޫތަކެއް ވަނީ ހަދާފަ އެވެ. އެސްޓީއޯ މެދުވެރިކޮށް ރޭ 8:30 އިން ފެށިގެން މަސްދަޅު ދޫކުރަން ފަށާފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިން ކައިރި އާއި މާލޭގައި ހުންނަ މިފްކޯ މަސް ފިހާރަ ކައިރީ ވަނީ ދިގު ކިއުތަކެއް ހަދާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަނީ މިފްކޯ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް، ވެމްކޯ ސައިޓް (ވިލިމާލެ)، އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް އެކެއް) އަދި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް ދޭއް) އިންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށެވެ.
މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި ރައްޔިތުން ދިން އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިފަހަރުގެ ރޯދަ މަހު ހަދިޔާއެއްގެ ގޮތުގައި މަސް ކޭހެއް ދޭނެ ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.



