ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޫކުރާ މަސްދަޅު ކޭސް ނެގުމަށް ކިޔޫގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި އޮންލައިން ޓޯކަން ނިޒާމެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން ބުނިގޮތުގައި މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، މަސްދަޅު ކޭސް ދޫކުރުން ކުރިޔަށް ގެންދާނީ ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އާ ހަމައަށެވެ. މާލޭ ސަރަހައްދުގައި ޖުމްލަ 13 މަރުކަޒެއްގައި މި ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކޮޅު ނުފެންނަ ވަރުގެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާ އެކު، އިންތިޒާމުތައް ފަސޭހަ ކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ ރޭ ބުނީ، އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.
“މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ،” އެ ވުޒާރާގެ ނޫސްބަޔާނުގައި ވެ އެވެ.
މަސްދަޅު ކޭސް ނެގުމަށް ޙާޟިރުވާއިރު އައިޑީ ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަން ޖެހޭނެއެވެ. އަދި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 3 މަސްދަޅު ކޭހެވެ. މިފްކޯ ކޮމްޕްލެކްސް އާއި އެމްޓީސީސީ ސޯމިލްއިން ރެޔަކު 200 ޓޯކަން ދޫކުރާއިރު، އެހެނިހެން މަރުކަޒުތަކުން ދޫކުރާނީ 50 އިން 100 އާ ދެމެދުގެ އަދަދަކަށް ޓޯކަނެވެ.
ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން ފުރިހަމަކުރެވެންދެން މި މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ސަރުކާރުން ވަނީ އަންގާފައެވެ. އޮންލައިން ޓޯކަން ނިޒާމުގެ ތަފްސީލު އިތުރަށް އިޢުލާނު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.



