ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ
މި އެއްބަސްވުމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ލިން ޔުޗެންޖްއެވެ.
މި އެއްބަސްވުމަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ޤާއިމްކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާގެ އޮންލައިން މާކެޓްޕްލޭސްތަކުގައިވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު “އެކްސް”ގައި ވިދާޅުވެފައިވަނީ، “ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއެކު ޖާގަ ލިބި، ލުއިގޮތްތައް ހޯއްދަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ފެނިގެންދާ” ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ މެދުތެރޭގައި ޗައިނާއަށް ފޮނުވުމަށް މިހާރު ވަނީ ތައްޔާރުވަމުންނެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.



