ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ބޮޑު މާހެފުމެއް ރޭ އާޓިފިޝަލް ބީޗްގައި ބާއްވައިފި އެވެ.
މި މާހެފުމުގައި ރައްޔިތުން މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި ވަޒީރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެ ޕާޓީގެ ޗެއާޕާސަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މި މާހެފުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޕީއެންސީގެ ސީނިއާ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި ގޮތުގައި މި މާހެފުން އިންތިޒާމް ކުރީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރޯދަ މަހާ ދިމާކޮށް އާންމު ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދުމަށް ސަރުކާރަށް ކޮށްދެވޭނެ ކަންކަން ދެނެގަތުމަށެވެ.
“އަޅުގަނޑުމެންގެ ސަރުކާރެއް ރައްޔިތުން ފެނުނީމަކާ ނުއެއް ފިލާނެ. ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންގެ ބަސް އަހައިގެން އަދި އަޅުގަނޑުމެންގެ ސިޔާސަތަކީ ބަދަލުކުރަން ޖެހޭ ސިޔާސަތެއް ވިއްޔާ ބަދަލުކޮށްގެން ވެސް ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރާނެ ސަރުކާރެއް މިއީ،” ސުޖާއު ވިދާޅުވި އެވެ.
އިސްލާމީ ޝިއާރުތައް ކުރިއެރުވުމަކީ ޕީއެންސީގެ މައިގަނޑު އެއް ސިޔާސަތު ކަމަށާއި، ދީނީ ކަންކަމަށް ޕާޓީން ދޭ އަހަންމިއްޔަތު އިތުރުކުރުމަކީ އަމާޒެއް ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް 1 ކަމަށް މިހާރު ލަފާކުރެވޭ އިރު، ރޯދައަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި ތަކެތީގެ އަގުތައް ތިރިކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.



