މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިފޫހިފިލުވުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރުފުރުން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީގެ އިސްވެރިން ވަނީ އެރަށަށް ޒިޔާރަތްކޮށް، ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމަން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން އިއްޔެ ކުޑަގިރިއަށް ޒިޔާރަތްކޮށް، އެރަށުގެ އިންތިޒާމުތައް ބައްލަވާލެއްވިއެވެ. އަދި އެ ދަތުރުގައި، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި 54,724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރަތްކޮށްފައެވެ. އަދި ކުޑަގިރިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން 70 އިންސައްތައިން މަތީގައި ހިފެހެއްޓިފައިވާކަން އެ ކޯޕަރޭޝަން ފާހަގަކޮށްފައިވެއެވެ.
ކުޑަގިރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އިއްޔެ ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައެވެ. މީގެއިތުރުން، އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ޚިދުމަތްދޭ ގަޑި ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ނިންމާފައިވާކަން ވެސް އިއުލާންކޮށްފައިވެއެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި، ކުޑަގިރީގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ޚާއްސަ ޑޭ ޓްރިޕްތަކެއް ތަޢާރަފުކުރުމަށްވެސް ވަނީ ރޭވިފައެވެ.



