ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމުތައް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. އެގޮތުން މިއަދު ހަވީރު 6:00 ގައި ޓޯކަން ދޫކުރަން ފަށާއިރު، ކޮންމެ މަރުކަޒަކުން ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ސިޓީސް، ލޯކަލް ގަވަމަންޓްސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތަކަށް، އެ ތާރީޚު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު ދެވޭނެއެވެ. އަދި ޓޯކަން ނެގުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަން ހައްލުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސޭނެއެވެ.
“ފާއިތުވި ރޭ ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު. މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެ،” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ލިބެންދެން މި މަސައްކަތް ކުރިޔަށްދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ރޯދަ ހަދިޔާ ދޫކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނާއި، ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ދަރުމައަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް ވޮލަންޓިއަރކޮށް މި މަސައްކަތާ ގުޅިވަޑައިގެންނެވި ދިވެހި އަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރެއްވިއެވެ.



