ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ކުރައްވާ މަސައްކަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށެވެ. އަދި މިފަހަރު މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކުރުމާއި ގުޅޭގޮތުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މަސް ދަޅު ކޭސް ހަދިޔާކުރުމަށްފަހު އެކަމަށް ހިނގި ޚަރަދު ކަރަންޓު ބިލުތަކުން ނެގުމަށް ސަރުކާރުން ރާވާފައިވާކަމަށް ބުނެ ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށާއި އޭގެ ބަދަލުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“އަޅުގަނޑު މިވާހަކަ މީގެކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމައެކަން އެގޮތަށް ކުރިއަށްގެންދާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދޮގު ވާހަކަތައް ފެތުރުމާއި އެކަމުގެ ސަބަބުން މުޖްތަމަޢާއި ޤައުމަށް އޮތް ނުރައްކަލުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެހެންކަމުން އެފަދަ ކަންކަމަށް ހޭލުންތެރިވެ، ދުރުހެލިވެ ހުރުމަށް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ



