ދ. މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް 30 ހެކްޓަރުގެ ބިން އެ ރަށުން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއަކީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މިހާރު އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ.
“އީއައިއޭ ފާސްވުމާ އެކީގައި ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ފެށޭނެ. ފެށުމުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދީ އިރާދަކުރެއްވިއްޔާ އިންތިޚާބުގައި ތިބޭފުޅުންނަށް ވައުދުވި ގޮތަށް 30 ހެކްޓަރު ހިއްކާ ނިންމާލާނެ ކަމުގެ ޔަގީންކަން ދެން،” ރައީސް ވިދާޅުވިއެވެ.
ހިއްކާ 30 ހެކްޓަރުގެ ތެރެއިން ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވަނީ ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބަލައިގެން ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މާއެނބޫދޫ ރައްޔިތުން އެ ރަށުގެ ތަރައްޤީއަށް އެންމެ ބޮޑަށް އުންމީދުކުރާ މަޝްރޫއަކީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާއިރު، މި މަޝްރޫއުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ގުޅިގެން ކުރިއަށް ގެންދަނީއެވެ.



