ލ. ގަމުގައި އެޗްޑީސީގެ ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށް ބޭނުންވާ އެއްލައްކަ އަކަފޫޓުގެ ބިމެއް އެރަށުން ހަމަޖައްސައިފިއެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި މި ނިންމުން ނިންމާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ނާސަރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި އެޗްޑީސީން ބައިވެރިވުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެއް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެޗްޑީސީން ވަނީ ޕްރޮގްރާމުގައި ބައިވެރިވެ، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިވެސް ކޮށްފައެވެ.
އެޗްޑީސީން އިތުރަށް ބުނިގޮތުގައި މި ނާސަރީގައި ހައްދާ ގަސްތައް ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދުމަށް ހަމަޖެހިފައިވެއެވެ.
“އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން” ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެ ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.



