ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން “އަލް އަސްރު” އަދި “އިލްމް ޖަމިއްޔާ” އާ ގުޅިގެން ރޯދައާ ގުޅޭ ހާއްސަ ވީޑިއޯ ސީރީޒްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި “އަލް އަސްރު” އާއި އެ ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ “ގެއްލޭނެތަ” ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކުރާނެއެވެ. މި ސީރީޒްގެ މައިގަނޑު މަޤްސަދަކީ ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެއިތުރުން، “އިލްމް” ޖަމިއްޔާއާ ގުޅިގެން، “ވާހަކަޔޯ ވާހަކަޔޯ” ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ވާހަކަ ސީރީޒްއެއް ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވެއެވެ. މި ސީރީޒް ޕްރެޒެންޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ ޝައިޚް ޖައުފަރު މުހައްމަދު އުސްމާން އެވެ.
“ވާހަކަޔޯ ވާހަކަޔޯ” ސީރީޒްގެ ދަށުން ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދޭނެކަމަށާއ މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރުކަން ވެސް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ. އަދި މި ސީރީޒްގެ މަޤްސަދަކީ އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުންކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.



