ފުލުހުން ހިންގާ ޖިނާއީ ތަޙުޤީޤުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، މަސައްކަތް ކުރައްވަނީ ކަންކަން ރަނގަޅު ކުރެއްވުމަށް ކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް އަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން މިއަދު ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ މިހާރު ޖަލުގައި ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން މިނިސްޓަރުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސްއަށް ޕީއެންސީން އެކްސެސްވެ، އެ ޕާޓީއަށް ވަގަށް މެންބަރުން ވެއްދުމުގެ ތުހުމަތު ހިމެނެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަގު ފޯމު ފުރައިގެން ޕާޓީތަކަށް މީހުން ވެއްދުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ޑީއެންއާރުގެ މަޢުލޫމާތު އެކި ގޮތްގޮތުން ނަގައި، އިންތިޚާބުތަކުގައި ހުރިހާ ފަރާތްތަކުން ވެސް ބޭނުންކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވީ، ޑީއެންއާރުގެ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.



