ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރިނބުދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ބެންކް އޮފް މޯލްޑިވްސްއިން އަލަށް ޤާއިމުކުރި އޭޓީއެމް ހުޅުއްވައިދެއްވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރިނބުދޫ ސްކޫލުގައި ބޭއްވުނު ބައްދަލުވުމެއްގައި ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އެންމެ މުހިންމު ބޭނުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ސްކޫލާއި، ޞިއްޙީ މަރުކަޒު އަދި މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ކަރަންޓުގެ މައްސަލަ އަދި ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ. އަދި ރަށުގެ ޒުވާނުންގެ ސްޕޯޓްސް ފިޝިންގގެ ޝައުޤުވެރިކަމަށް ރިޢާޔަތްކޮށް، ރަށާ ކައިރީގައި ސްޕޯޓްސް ކަނދުފައްޗެއް ޤާއިމުކޮށްދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގެ ދަތިކަމަކީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ވަނީ އަލަށް އެ ރަށުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.



