ސުޕްރީމް ކޯޓުގެ ބެންޗް 7 މެންބަރުންގެ ބަދަލުގައި 5 މެންބަރުންނަށް ކުޑަކުރުމަށް ވެރިކަންކުރާ ޕާޓީ ޕީއެންސީން ހުށަހެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ފާސްވެފައިވަނީ 68 މެންބަރުންގެ ތާއީދާއެކުގައެވެ.
ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ. މިއަދުގެ ޖަލްސާގައި މި އިޞްލާހު ފާސްކުރުމަށް ވޯޓަށް އެހީ ރޯލް ކޯލް ވޯޓު ނަގައިގެންނެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ނިޒާމަށް މައްސަލައެއް ދިމާވުމުގެ ސަބަބުންކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
އިއްޔެ މަޖިލީހަށް ހުށަހެޅުނު މި ބިލު ބަލައިގަތުމަށްފަހު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ދިރާސާކޮށް ފާސްކުރުމަށްފަހު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ގެނެސްފައެވެ. މިއަދުގެ ޖަލްސާގައި ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި އެއްވެ އިހުތިޖާޖުކޮށްފައެވެ.
މި ބިލަށް ވޯޓަށް އެހީ މިއަދު ހެނދުނު 10:00 ގައެވެ. ވޯޓު ނެގުމުގެ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ވޯޓު ނަގާފައިވަނީ ކޮންމެ މެންބަރެއްގެ އަރިހުން ވަކިވަކިން އަހައިގެންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ އެމްޑީޕީގެ 8 މެންބަރުންނާއި މިނިވަން މެންބަރު އަބްދުއްރަހުމާން (އައްދު) އެވެ.
މި ބިލު ފާސްވުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރެވި، އެ ކޯޓުގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި ބިލު ޤާނޫނަކަށް ވުމަށްޓަކައި ބާކީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ތަސްދީޤު ކުރެއްވުން އެކަންޏެވެ.



