އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުރަތަމަ ފަހަރަށް ބޭއްވި ނޫރުލް އަޛާން ބަންގި މުބާރާތުގެ އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ހޯދައިފިއެވެ.
ރޭ ކުރިޔަށްދިޔަ މުބާރާތުގެ ފައިނަލް ރައުންޑުގައި ވާދަކުރި 6 ބައިވެރިން ވަނީ ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދީފައެވެ.
މުބާރާތުގައި އެއްވަނަ ހޯދި ސުލައިމް މުޙައްމަދު ލަޠީފަށް 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގައި ހޭދަކުރުމުގެ ފުރުސަތާއި އިތުރު ހާއްސަ އިނާމުތަކެއް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ހަވާލުކޮށްދެއްވާފައެވެ.
މުބާރާތުގެ ދެވަނައަށް ޙަމްޒާ ބިން ހަސަން ހޮވުނުއިރު، ތިންވަނައަށް މުޙައްމަދު ހަނޫން ހުސައިން ވަނީ ހޮވިފައެވެ. ހަތަރުވަނަ ހަނީޒް ހަނީފް ހޯދިއިރު، ފަސްވަނައަށް އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީ ހޮވުނެވެ. އަދި ހަވަނައަށް މާޠިޢު އަޙްމަދު ނާޒިމް ވަނީ ހޮވިފައެވެ. މި ހުރިހާ ބައިވެރިންނަށްވެސް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއް ވަނީ ދީފައެވެ.
މި މުބާރާތަކީ ރީތި ރާގުތަކަށް ރަނގަޅު އުސޫލުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުން އުފެއްދުމަށާއި، ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމަށް ބޭއްވޭ މުބާރާތެއްކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި މުބާރާތުން ވަނަތަކަށް ހޮވުނު ބައިވެރިންނަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.



