އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ “އިހްޔާ ފޯރަމް” މިއަހަރުގެ ރަމަޟާން މަހު މާލެއާއެކު އަތޮޅުތެރޭގެ 7 ރަށެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މާލޭގައި 8 ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައެވެ.
މިގޮތުން ފުރަތަމަ ފޯރަމް އޮންނާނީ މާދަމާ ރޭ ކަމަށާއި، މި ފޯރަމްގައި “ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން” މި މައުޟޫއަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވާނެކަމަށް މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ އިހްޔާ ފޯރަމްތަކުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން، ޝައިޚް އަހްމަދު ސަމީރު އިބްރާހީމް ހުސައިން، ޝައިޚް މުހައްމަދު ޤުބާދު އަބޫބަކުރު، ޝައިޚް މުހައްމަދު ލަތީފް، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނައީމް އަދި ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ހިމެނެއެވެ.
މީގެއިތުރުން، ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭ މާލޭގައި “ދަރިވަރުންގެ އިހްޔާ ފޯރަމް” ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތެރޭގައި ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ، އެކަމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހެޅި ރަށްތަކަށް ބަލައިގެންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަތޮޅުތެރޭގައި ފޯރަމް ބާއްވާނެ ރަށްތަކުގެ ތެރޭގައި ފުވައްމުލައް، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫ އަދި ރ. މީދޫ ހިމެނެއެވެ. މި ރަށްތަކުގައި ފޯރަމްތައް ބާއްވާނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުގެ ރޭގައެވެ.
މިއަހަރުވެސް ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ޚާއްޞަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



