މާލެ އަށް މިރޭ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާންމު ހާލަތަށް ބަދަލުވަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިއަދު ހަވީރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ އެކު، މާލޭގެ ގިނަ މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފައެވެ. އަދި ބައެއް ގޭގެ އަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާލަތާ ގުޅިގެން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި އެކި ސަރަހައްދުތަކުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމާ ބެހޭ މަރުކަޒުން މިރޭ 9:45 އިން ދަންވަރު 12 އަށް މާލެ ސަރަހައްދަށް އޮރެންޖު އެލާޓެއް ނެރެ، މި ވަގުތުތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައެވެ.
ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތަކާ ގުޅިގެން ސަރުކާރުން ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން، ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
އަދި ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ކުރަމުންދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.



