އިއްޔެ އާއ ރޭ ބޯކޮށް ވެހުނު ވާރޭގައި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނު ރަށަކަށް ދިއްފުށި ވެއްޖެއެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތަކުގައިވާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މީގެ ކުރިން ރެކޯޑް ކުރެވިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ހއ. ކެލާ އަށް ވެހުނު 231.5 މިލިމީޓަރުގެ ވާރޭއެވެ. ދިއްފުއްޓަށް އިއްޔެ ވެހުނު ވާރޭގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފައިވެއެވެ.
އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހުނު ހުޅުމާލެ އަށް 185.2 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ފ. ނިލަންދޫ އަށް 178.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ރޭ މެދުކެނޑުމެއް ނެތި ވެހުނު ވާރޭގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ހއ. އިން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.



