މަހިބަދޫ އާއި ދިގުރަށާ ދެމެދު “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ޝުކުރު އަދާކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ހެނދުނު 07:57 ގައި ފުލުހުންނަށް ރިޕޯޓްކުރެވުނު މި ހާދިސާގައި، ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރުކުރިއެވެ. މީގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.
“ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރަން. އަދި އެ މަސައްކަތާމެދު ފަޚުރުވެރިވަން،” ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ އެހީތެރިކަންވެސް ފާހަގަކޮށްލެވެއެވެ. ކަނޑުވި މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗުގެ މަސައްކަތަށް ރީޖަން ކޮމާންޑަރ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.



