ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަޒާން އަހުމަދު ވަކިކޮށްފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މި މަޢުލޫމާތު ހާމަކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، އަޒާން އެ ދެ ކޮމިޓީން ވަކިކުރުމަށްފަހު، އޭނާ ހަމަޖައްސާފައިވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށެވެ. މާލިއްޔަތު ކޮމިޓީއަށް އަލަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ކަމަށާއި، 241 ކޮމިޓީއަށް ހަމަޖައްސާފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލު ގެނެސްފައިވަނީ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓު ލުމުގައި އަޒާން ޕީއެންސީގެ ތްރީލައިން ވިޕާ ހިލާފުވުމާ ގުޅިގެންނެވެ. އެ ވޯޓުގައި އަޒާން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ފަލާހު ވަނީ ޕާޓީގެ ވިޕާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.



