ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓާލުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމުގައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށް ގޮވާލާ ކަމަށެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައިވެއެވެ.
މި މައްސަލައިގެ ދާއިމީ ހައްލަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ދެކޭގޮތް ބަޔާނުގައި ހާމަކުރައްވާފައިވެއެވެ. “މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެން” ކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި އިސްރާއީލުން މިފަދަ ނިންމުމެއް ނިންމުމަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކެމުންދާކަން ފާހަގަކުރެވެއެވެ.



