މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން “މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް” ރާއްޖެ އެތެރެ ނުކުރުމަށާއި ވިއްކުން ހުއްޓާލުމަށް އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިފަދައިން އަންގާފައިވަނީ މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑްގެ މި އުފެއްދުމުގައި ބިސް ހިމެނޭއިރު، އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީއެވެ. މިކަމާ ގުޅިގެން އުފެއްދި ކުންފުނިން ވަނީ އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައެވެ.
މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް އެމްއެފްޑީއޭއަށް އެންގިފައިވާކަން ފާހަގަކުރެވެއެވެ.
އެމްއެފްޑީއޭ އިން ބުނެފައިވާ ގޮތުގައި، ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެ އެތެރެ ނުކުރުމަށާއި ވިއްކުން ހުއްޓާލުމަށް މިއަދު ވަނީ އާންމުކޮށް އަންގާފައެވެ.
އެލާޖެންގެ މައުލޫމާތު ކާބޯތަކެތީގެ ލޭބަލްގައި ހިމެނުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ. މިފަދަ މައުލޫމާތު ނުހިމެނުމުގެ ސަބަބުން އެލާޖީ ހުންނަ ފަރާތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެއެވެ.



