މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ގއ. އަދި ގދ. ގެ ހުރިހާ ރަށަކަށް މިއަދު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ފޯރުކޮށްދެވޭނެ ކަމަށެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ޕޯސްޓާއެކު، މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޕޯސްޓް ވެސް ހިއްސާކުރައްވާފައިވެއެވެ. އެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 9:30 އިން 11:30 އަށެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.



