ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ގޮވާލާ ގޮވާލުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، އެފަދަ ޢަމަލުތައް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަން ވަޒީރު ކުށްވެރިކުރެއްވީ އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާ (އޯއައިސީ) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނަގާލާފައިވާކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޣައްޒާގެ އެންމެހާ ސަރަޙައްދުތަކަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
މީގެއިތުރުން، އަރަބި ލީގުގެ ސަމިޓުން ފާސްކުރި ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ދޭ ފުރިހަމަ އެއްބާރުލުން ވަޒީރު ވަނީ އެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅަމުންދާ ހުރަސްތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައިސީޖޭ) އިން ލަފާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ.
އޯއައިސީގެ މި ކުއްލި ބައްދަލުވުމަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.



