މި އަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ވަނީ ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ނިންމައިފައެވެ. މި އަހަރުގެ ވައިލްޑްލައިފް ދުވަސް ފާހަގަކުރެވޭނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ވާދަކުރެވޭނީ ތިން ކެޓެގަރީއެއްގައެވެ. އެއީ ވައިލްޑް ލައިފް، އޭރިއަލް ޑްރޯން އަދި ހެބިޓެޓް މި ތިން ކެޓެގަރީއެވެ. މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.
މުބާރާތުގައި ބައިވެރިވާ ފޮޓޯތައް ވަޒަންކުރާނީ ޖަޖުންގެ ކޮމެޓީއަކުންނެވެ. ފޮޓޯތަކަށް މާކްސް ދިނުމުގައި ބަލާނީ ފޮޓޯގެ ކޮލިޓީއާއި އޭގައި ހިމެނިފައިވާ ވާހަކައަށެވެ. ކޮންމެ ކެޓެގަރީއަކުންވެސް އެންމެ މަތިން މާކްސް ލިބޭ ފޮޓޯއަކަށް އެ ކެޓެގަރީގެ އެއްވަނަ ޙާސިލްކުރެވޭނެއެވެ.
މުބާރާތުން އެންމެ މޮޅު 10 ފޮޓޯ ހޮވައި، އެ ފޮޓޯތައް އާޓް އެގްޒިބިޝަނެއްގެ ގޮތުގައި މުޅި ރާއްޖެއަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި، ގުދުރަތީ މާހައުލު ފޮޓޯގްރަފީގެ ޒަރިއްޔާއިން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



