ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން އިންޑިއާއަށް އަޅުވެތި ވިޔަސް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އެމީހުންނަށް އަޅުވެތިވާނެ ބައެއް ނޫންކަން އިންޑިއާއިން ގަބޫލު ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އިދިކޮޅުން ރޭ ބޭއްވި “މަވެސް ޕީޕީއެމް” ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ދެކޮޅަށް ދައްކާ ވާހަކަ މަނާ ކުރެވެނީ ދުވަސްކޮޅަކަށް ކަމަށާއި އަޅުގަނޑުމެންގެ ހިތުގެ ޝުއޫރާ ޚިޔާލުގައިވާ ކަންކަމާއި ގައުމުދެކެވާ ލޯތްބާއި ރައްޔިތުން ވާ އޮތް ގުރުބާން ފޮހެ ނުލެވޭނެ ކަމަށެވެ..
މީގެ އިތުރުން ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތް ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލް ސަރުކާރުން ތަކުރާރުކޮށް ހައްޔަރު ކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިހާރު ފުލުހުން މީހުން ހައްޔަރު ކުރަމުންދަނީ އިންޓެލިޖެންސަށް ލިބޭ ރިޕޯޓާއި ގުޅިގެން ކަމަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ގަބޫލު ކުރާނެ މީހަކު މިއަދު ނެތް ކަމަށާއި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ މުއައްސަސާއެއް ކަމަށެވެ.
ޔާމީން ވިދާޅުވީ ރައީސަކަށް ހުންނެވި ބޭފުޅަކާ އެކީ އެއް މޭޒުން އެއް ބަދިގެއިން ފަރިއްކުޅުވާ ބޭފުޅެއް މިއަދު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވުމުން އޭނާ ވައްދާ މައްަސަލަތައް އޭނާ އަށް ދިފާއު ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ގާނޫނު އަސާސީގައި ކުށުގެ ވެށިން މީހުން ހައްޔަރު ކުރެވޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމަށާއި މީހަކު ކުށެއް ކުރާތަން ފެނުނީމައި އެމީހަކު ހައްޔަރު ކުރުމުގެ އިހުތިޔާރު އެކަމުގެ ބާރު ލިބިފައިވާ ފަރާތްތަކަށް އޮންނަކަމަށެވެ.
ރޭ ކުރިއަށް ދިޔަ ޕީޕީއެމްގެ ޖަލްސާގައި ވަނީ ގިނަ ބަޔަކު އެޕާޓީއަށް ސޮއިކޮށްފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންވެސް ހިމެނެއެވެ.
ޕީޕީއެމްއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ މީހުން ގިނަ ޕާޓީއެވެ. އެގޮތުން އެޕާޓީގެ ރަޖިސްޓްރީގައި މިހާރުވެސް 34368 މީހުން އެބަތިއްބެވެ.