މިހައި ތަނަށް އައި އިރު މާލޭ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ކުރެއްވި ޕޯސްޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، ރޯދަ ހަދިޔާ މާލޭ ސަރަޙައްދުގައި މިހާރު ދޫކުރާ 13 މަރުކަޒުން، ރޯދަ ހަދިޔާ ދޫކުރާ އެންމެ ފަހު ރެއަކީ މިރެއެވެ. މި ރެއަށް ފަހު މިހާރު ރޯދަ ހަދިޔާ ދޫކުރާ 13 މަރުކަޒު ބަންދުވާނެއެވެ.
މިހާރު ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަންދުވިއަސް، މާލެ ސަރަޙައްދުގައި ހުރި މިފްކޯގެ ފިހާރަތަކުން މާރިޗު 11 އިން ފެށިގެން ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވެސް ވަޒީރު ކުރެއްވި ޕޯސްޓުގައި ހާމަކުރައްވާފައި ވެއެވެ. ނަމަވެސް ރޯދަ ހަދިޔާއަށް އެދެވޭނީ މިހާރެކޭ އެއްގޮތަށް ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވެއެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ރައްޔިތުންނަށް ކޮންމެ ރަމަޟާން މަހަކު ދެއްވުމަށް ނިންމަވާފައިވާ ހަދިޔާއެކެވެ. މި އަހަރު ހަދިޔާގެ ގޮތުގައި ދެއްވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ.



