މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން، އޭނާ މަޤާމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި މައްސަލައަކީ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކު 9 ޖެނުއަރީ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގައި އެ މުވައްޒަފު ބުނެފައިވަނީ ފަޒީން އެކި ފަހަރު މަތިން އޭނާގެ ގައިގައި ނުރުހުމުގައި އަތްލާފައިވާ ކަމަށާއި، ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާފައިވާ ކަމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ބެލުމަށްފަހު ފާހަގަކޮށްފައިވާ ގޮތުގައި، ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކާވެސް ފަޒީން ބޭއަދަބީކޮށް ވާހަކަދައްކާފައިވާކަން ކޮމިޓީއަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލަ ވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކޮމްގައި އުފައްދާފައިވާ ކޮމިޓީއަށްވެސް ހުށަހަޅާފައެވެ. މިއީ ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.
މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފިޔަވައި، ދެން ތިބި ސަރުކާރު މެންބަރުންގެ ވޯޓާއެކު ފާސްކުރީ ފަޒީން މަގާމުން ވަކިކުރާ ގޮތަށެވެ.
ކުރިން ފަޒީން ވަނީ ސީއެންއެމް އަދި ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.



