ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް، މިހާތަނަށް 110,127 ގޭބިސީއަށް ބަހާފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ހާމަކުރައްވައިފިއެވެ.
މިގޮތުން މާލެ ސަރަހައްދުގެ 49,416 ގޭބިސީއަށާއި އަތޮޅުތެރޭގެ 60,711 ގޭބިސީއަށް މިހާރު ވަނީ މަސްދަޅު ކޭސް ބަހާފައިވެއެވެ. މާލޭގައި މި މަސައްކަތް ކުރިއަށްދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި، އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްދަނީ ރަށު ކައުންސިލްތަކުގެ އިސްނެގުމުގެ ދަށުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެމުންދަނީ 180 ގްރާމްގެ 48 ތެޔޮމަސް ދަޅު ހިމެނޭ ކޭހެކެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ނިންމާފައި ކަމަށް ވިދާޅުވިއެވެ.
އަދި ބާކީ އޮތް މަދު ސަރަހައްދުތަކުގައިވެސް ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވެއެވެ.