ޤައުމެއް އެ ޤައުމެއްގެ ދެމިއޮތުމަށް އެންމެ މުހިންމު އެއް ކަމަކީ ސެކިއުރިޓީ ބެލެހެއްޓުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ކަރެކްޝަންސްގެ 30 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ސުލްހަ މަސަލަސްކަން ގެއްލިފައިވާ ޤައުމުތަކުގެ ހާލަތު މިހާރު ދުނިޔެއިން ފެންނަން އޮތް ކަމަށެވެ.
21 ވަނަ ގަރުނުގައި ދުނިޔެ ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސެކިއުރިޓީ ޗެލެންޖްތައް ކަމަށް ފާހަގަކުރައްވަމުން، ރާއްޖެއަކީ ވަސީލަތްތައް މަދު ނަމަވެސް ސެކިއުރިޓީ ވަރަށް މުހިންމު ޤައުމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު ވަރަށް ބޮޑު. އެ ސަރަހައްދުން ފެށިގެން ޖަލުތަކާ ހަމައަށް އެކި ބާވަތުގެ ކުށްތައް ކޮށްފައި ތިބި މީހުން އެބަ އާދޭ. އެހެންވީމާ، މިތަނުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފަންވާނީ އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޤައުމީ ލޯތްބާއި، ވަފާތެރިކަމާ އެކުގައި،” ސީޕީ ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ ޖަލުތަކުގައި 996 ގައިދީން ތިބިކަން ހާމަކުރައްވަމުން، ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫންކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ދަސްވެނިވި 33 އޮފިސަރުންނަށް އިރުޝާދު ދެއްވަމުން، ރިޝްވަތާއި މަނާ ތަކެތި ޖަލަށް ވެއްދުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް އެންގެވިއެވެ.
“މިއަދު ތިޔަ ދަސްވެނިވީ ތިޔަ ކުދިންގެ މައިންބަފައިންގެ ވަރަށް ބޮޑު އުންމީދެއް. ޒަމާނަށް އަންނަ ބަދަލުތަކާއެކުވެސް ތިޔަ ކުދިންގެ ބެލެނިވެރިން ވަނީ ރީތި އަޚްލާޤާއި އީމާންތެރިކަން ދަސްކޮށްދެއްވާފަ. މިހާރު ތިޔަ ނިކުންނަނީ މަސައްކަތުގެ މައިދާނަށް،” ސީޕީ ވިދާޅުވިއެވެ.
ދަސްވެނިވި އޮފިސަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކާއި ވާޖިބުތައް ހަނދާންކޮށްދެއްވަމުން، ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ސީޕީ ޒަރީރު އިތުރަށް ވިދާޅުވިއެވެ.