ވިލިމާލޭގައި އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ތ. ގާދިއްފުށީ މީހެއްކަމަށްވާ އިބްރާހީމް އިމާދު (30) އާއި، މާލޭ މީހެއްކަމަށްވާ މުޙައްމަދު ސިމްރާޙް (43) އަދި ގދ. ރަތަފަންދޫ މީހެއްކަމަށްވާ ޞަލާޙު ޝިހާބް (45) އެވެ.
މާރިޗު 9 ގައި ހިންގުނު މި އޮޕަރޭޝަނުގައި، ޝައްކުކުރެވުނު ފަރާތްތައް ހުއްޓުވައި ބަލައި ފާސްކުރުމުން، 57 ގްރާމަށްވުރެ ގިނަ މިންވަރެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ކަމަށް ޝައްކުކުރެވޭ 241,000 ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާވެސް އެމީހުންގެ އަތުން ހޯދިފައިވެއެވެ.
މައްސަލައިގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވުނު އިރު، މުޙައްމަދު ސިމްރާޙް އާއި ޞަލާޙު ޝިހާބް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ. އެހެންނަމަވެސް އިބްރާހީމް އިމާދު ވަނީ ކޯޓުން ދޫކޮށްލާފައެވެ. މިކަމާ ގުޅިގެން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ.
ފުލުހުން ބުނާގޮތުގައި މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީކުރިއަށެވެ.