1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެސިޓީގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމުކޮށްފިއެވެ. މި ލިސްޓުގައި ހިމެނެނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޖުމްލަ 34 މިސްކިތެވެ.
މާލޭގައި ދަމުނަމާދު ކުރެވޭނެ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) އަދި މަސްޖިދުލްފުރްޤާން ފަދަ މިސްކިތްތައް ހިމެނެއެވެ.
ވިލިމާލޭގައި ދަމުނަމާދު ކުރެވޭނީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލްއިޚްލާސްގައެވެ. ހުޅުމާލޭގައި ދަމުނަމާދު ކުރެވޭނެ މިސްކިތްތަކުގެ ތެރޭގައި ފޭސް 1 އާއި ފޭސް 2 ގެ މިސްކިތްތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެސިޓީގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓެއް ވެސް އިޢުލާނުކޮށްފައެވެ. މި އިޢުލާނުގައި ވާގޮތުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމްލަ 23 މިސްކިތެއްގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވެއެވެ..
މާލޭގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ 15 މިސްކިތެކެވެ. މީގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުލްމަލިކި ސަލްމާން އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ފަދަ ބޮޑެތި މިސްކިތްތައް ހިމެނެއެވެ.
ވިލިމާލޭގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްބިއްރިގައެވެ. އަދި ހުޅުމަދި ހުޅުމާލޭގައި ޖުމްލަ 7 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ހުޅުމާލެ ފޭސް 1 ގައި 5 މިސްކިތާއި ފޭސް 2 ގައި 2 މިސްކިތް ހިމެނެއެވެ.
މިނިސްޓްރީން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރައްޔިތުންނަށް ފަސޭހައިން މި ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުންނެވެ.