ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް މުހައްމަދު އަނަސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، އަނަސް އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މިފަހަކާ ޖެހެންދެން މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބު މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.
އަނަސްގެ ވަޒީފާގެ ކެރިއަރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި، މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
އަނަސް މި މަގާމަށް އައްޔަންކުރެއްވީ، ކުރިން ޕީސީބީގެ ރައީސްކަމުގައި ހުންނެވި ހަމްދީ އަގީލް މިދިޔަ މަހުގެ 12 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. ނަމަވެސް، ހަމްދީ އަގީލް މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.