މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މިގޮތަށް ނިންމެވުމުގައި، ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުގެ ހޯދުންތައް ވަނީ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ފާހަގަކުރައްވާފައިވެއެވެ.
މި ބަދަލާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުން އައި މިފްސާ، 2025 މާރިޗު 11 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުންނެވެ.