ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ މެދު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމަވައިފިއެވެ.
ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާއިލާގެ ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ސާޖިދާގެ ފަރާތުން ޚާއްސަ ބަޔާނެއް އިއްވާފައެވެ.
އެމްޑީޕީން ކުރިއަށް ގެންދާ އިހުތިޖާޖީ ހަރަކާތްތަކުގައި، އެކްޓިވިސްޓު މަރިޔަމް ޒުބައިރު ވަނީ ރައީސްގެ 16 އަހަރުގެ ދަރިކަލުންނާ ބެހޭގޮތުން ވާހަކަތަކެއް ދައްކާފައެވެ. މީގެ ތެރޭގައި “ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ” ކަމަށް ބުނެ އިލްޒާމުތަކެއް އަޅުވާފައިވެއެވެ.
މިކަމާ ގުޅިގެން ރައީސްގެ އާއިލާއިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވަނީ، ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒާ ބެހޭގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަކިން ޚާއްސަކޮށް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި، ހަގީގަތާ ޚިލާފު އެތައް ވާހަކައެއް މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައްކަމުންދާ ކަމަށެވެ.
އަދި ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަކީ، ދުވަހަކު ވެސް ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުލާމް ކުރި ނުވަތަ ކުރާ ކުއްޖެއް ނޫން ކަމަށް ވިދާޅުވިއެވެ.



