ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ފެށުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތާ އައު ޑައިވް ސައިޓެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވާލައިފިއެވެ. މި އައު ޑައިވް ސައިޓަށް ނަންދީފައިވަނީ “ކުޑަގިރި ދޫނިއާ ރެކް” ގެ ނަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ޑައިވް ސައިޓު ތަރައްޤީކޮށްފައިވަނީ އެމްއެމްޕީއާރްސީ، އެޗްޑީސީ އަދި އެމްޓީސީސީ ގުޅިގެންނެވެ. މި ސައިޓުގައި ވަނީ އެއަރ މޯލްޑިވްސްގެ ދުވަސްވަރު ބޭނުންކުރި ޑޯނިއާ 228 މަރުކާގެ ދެ މަތިންދާ ބޯޓު މޫދަށް ފައްތާފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ސައިޓަށް މިފަދަ ނަމެއް ދީފައިވަނީ ރާއްޖޭގެ އެވިއޭޝަން ތާރީޚުގައި މުހިންމު ދައުރެއް އަދާކުރި ދެ މަތިންދާ ބޯޓު ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވެފައި، އުދުހުމުގެ މަފްހޫމް ދޭހަކޮށްދިނުމަށް ދޫންޏަށް ނިސްބަތްކޮށެވެ.
މި ސައިޓަކީ ފަތުރުވެރިންނާއި އެހެނިހެން ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރަށް ޝައުގުވެރިވާނެ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވިއެވެ. އަދި ކުޑަގިރި ފަޅުތެރޭގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދު ބަލަހައްޓާނީވެސް އެޗްޑީސީންނެވެ.
މި ތާރީޚީ ޑައިވް ސައިޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް އަދި އުރީދޫ މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



