ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ސްކޭމް މައްސަލަތަކަށް ހައްލެއް ހޯދުމަށް ފުލުހުން “އެންޓި ސްކޭމް ސެންޓަރު” ގެ ނަމުގައި އައު ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރަކީ ފުލުހުންގެ އައު ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ދަށުން މިއަހަރުގެ ޖޫން މަހު އުފައްދާފައިވާ ސެންޓަރެކެވެ.
ފުލުހުން ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅޭ އެންމެހައި ކަންކަން ބަލަހައްޓާނީ މި ސެންޓަރުންނެވެ. އަދި އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްވެސް ކުރިއަށް ގެންދާނީ މި ސެންޓަރުންނެވެ. މިއީ ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ނިންމެވުމެކެވެ.
އައު ނިޒާމުގެ ދަށުން ޤާއިމުކޮށްފައިވާ ކޯލް ސެންޓަރަށް މައްސަލައެއް ހުށަހެޅުމާއެކު، ބޭންކުތަކާއި މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިހާރު ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ވަނީ އެކި ގޮތްގޮތް ތަޢާރަފުކޮށްފައެވެ. މިގޮތުން ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި [email protected] އަށް އީމެއިލް ކުރެވޭނެއެވެ. މި ޚިދުމަތްތައް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް ލިބޭނެއެވެ.
ފުލުހުން ވަނީ ސްކޭމް މައްސަލަތައް ހުއްޓުވުމަށް، އެފަދަ މައްސަލަތައް ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރަށް އެންގުމަށް އާންމުންނަށް ގޮވާލާފައެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި މާލީ އިދާރާތަކުން ކުރާ މަސައްކަތަށް ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.




އަލްޙަމްދު ލިއްލާހި