ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ. މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެންބަރުން ވެސް ވަނީ ފަނޑިޔާރު ޝަހީދަށް ރުހުން ދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދުގެ ނަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ނަންފުޅު ދިރާސާކުރުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އެންމެ ހަތަރު މިނެޓުގެ ތެރޭގައި ވަނީ ޝަހީދަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ފަނޑިޔާރު ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ކިޔަވާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ވެސް ހާސިލުކުރައްވާފައިވެއެވެ.
ފަނޑިޔާރުކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޝަހީދު ވަނީ އެކި ކޯޓުތަކުގައި މުހިންމު މަޤާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ހިމެނެއެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ޝަހީދު، މިދިޔަ އޮކްޓޯބަރު މަހު ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ހޮވިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައި މި ވަނީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



